.ރަށުގެ ހާލަތު، ބަދަލުކުރަން ވިސްނަންވެއްޖެއެވެ

– ރަފް –

އަޅުގަނޑުމެން ބޭނުންވަނީ ހިތްހަމަޖެހުމާއި، އަރާމާއި އުފަލެވެ. އަޅުގަނޑުމެން އުޅޭތަނުން އަސާސީބޭނުންތައް އެންމެ އެކަށޭނެ ގޮތުގައި ލިބެން ހުރުމަށެވެ. ކޮންމެމީހަކުވެސް އެމީހެއް އުޅެމުންދާ ރަށުން ނުވަތަ ތަނަކުން ދުވަހުން ދުވަހަށް ލިބެންޖެހޭ އަސާސީ ހިދުމަތްތައް ހޯދަންބޭނުންވާނެއެވެ. އަމިއްލަ ވަޒަނުން ނުވަތަ ރަށުން ސިއްހީ ހިތުމަތާއި ތައުލީމާއި އެހެނިހެން ހިދުމަތްތައްވެސް ހޯދަންބޭނުން ވާނެއެވެ. އަޅުގަނޑުމިއުޅެމުން ދާ ކުޑަ ކުޑަ ރަށުން ލިބެންހުރީ ކޮން ހިދުމަތްތަކެއްތޯއެވެ؟ ކޮން ވަސީލަތް ތަކެއްތޯއެވެ؟ ރަނގަޅެވެ. ވަރަށްގިނަ ހިދުމަތްތައް ލިބެން އެބަހުއްޓެވެ. ނަމަވެސް އެއީ އެންމެ އެކަށޭނަ ގޮތެއްގައެއް ނޫނެވެ. އެންމެ ފުރިހަމަ ގޮތެއްގައެއްނޫނެވެ.

ދިއްފުށި ސުކޫލް


ތައުލީމަށް ބަލައިލަމާ ހިނގާށެވެ. މީގެ 10 ވަރަކަށް އަހަރުކުރިން މިރަށުން ގުރޭޑު 07 ހަމައަށް އައީ ކިޔަވައި ދެމުންނެވެ. ނަމަވެސް މިހާރު ކޮންމެ ކިޔަވާ ދަރިވަރަކަށްވެސް ރަށުގައި ހުރެގެން ސާނަވީ ތައުލީމު ހޯދުމުގެ ފުރުސަތު ވަނީ ހުޅުވައިލެވިފައެވެ. ޖީ.ސީ އޯލެވެލް ހެދުމުގެ ފުރުސަތު ވަނީ ހުޅުވައިލެވިފައެވެ. އެކަމު އެއީ އޭގެ އެންމެ ފުރިހަމަ ގޮތުގައެއް ނޫނެވެ. ސަބަބަކީ ސައިންސް ސްޓްރީމް ކިޔަވާ ކުދިންނަކަށް ލެބޯޓަރީ އެއް ނުވަތަ ސައިންސް ރޫމެއްނެތެވެ. އަދި މީގެ އިތުރުން ކިޔަވައި ދިނުމަށް ބޭނުންކުރާ އެހެނިހެން ވަސީލަތްތަކާއި އާލާތްތުގެ ދަތިކަން ދަނީ ފޯރަމުންނެވެ. ރަނގަޅުފެންވަރުގެ ކޮމްޕިޓަރ ލެބަކާއި އެކަށީގެން ވާވަރަށް ކުލާސްރޫމްނެތުމާއި ފާހާނައިގެ ދަތިކަންވެސް ދަނީ ތަހައްމަލް ކުރަމުންނެވެ.

ދަރިވަރުންނަށް ދިމާވާ ދަތިތަކުގެ އިތުރަށް، ސުކޫލުގައި އެކަށީގެންވާވަރުގެ އޮފީސް އިމާރާތެއް ނެތުމީ އިދާރީ މަސައްކަތްކުރާ މުވައްޒަފުންނަށް ދިމާވެފައިވާ ބަރަށްބޮޑު އުނދަގުލެކެވެ. އަލަށް ތައާރަފު ކުރެވުނު ތައުލީމީ އޮނިގަނޑުގެ ތެރެއިން އެއް ދަންފަޅިއަށް ކިޔެވުން ބަދަލުކުރެވެން ނެތްކަން ހިތާމަޔާއެކު ފާހަގަކުރަމެވެ. ސަބަބަކީ އެކަމަށް ބޭނުންވާ އިމާރާތް ތަކުގެ އިތުރުން ކުލާސްރޫމްތައްވެސް އެކަށީގެން ވާވަރަށް ނެތުމުންނެވެ. އަމިއްލަރަށުގައި ތިބެގެން ގުރޭޑު 11 އަދި 12 ކިޔަވަން ކޮންމެ ކުއްޖަކު އަދި އެއިން ކޮންމެ ކުއްޖެއްގެ ބެލެނިވެރިޔަކުވެސް ބޭނުންވާނެއެވެ. ނަމަވެސް އެކަންކަން ކުރުމަށް ބޭނުންވާ އިމާރާތް ތަކާއި ވަސީލަތްތަކާއި އަދި މުދައްރިސުންނެއް ލިބިފައެއްނެތެވެ. މިކަންކަން އަދި އޮތީ އެނބުރޭ ހިޔާލެއްގެ ގޮތުގައެވެ.

މިޒަމާނުގައި ކޮންމެ މީހަކުވެސް އެންމެ އިސްކަންދޭނެ އެއް އަސާސީ ހިދުމަތަކީ ކަރަންޓުގެ ހިދުމަތެވެ. ރަށުގެ އާބާދީއަށް އެކަށީގެން ވާވަރަށް މިހިދުމަތް ފޯރުކޮށްދެވޭކަށް ނެތެވެ. ކޮންމެ ދެދުވަހުން އެއްދުވަހަކީ ކަރަންޓުގެ ހިދުމަތް މެދުކެނޑޭނެ ދުވަހެކެވެ. ފުދޭވަރައް މިހިދުމަތް ދޭނެ އާލާތްތައް ނެތުމުގެ ސަބަބުންނެވެ. ނަމަވެސް މިހިދުމަތް ދިނުމުގައި އަޅުގަނޑުމެން އުފާކުރަންވީ ސަބަބުތަކެއްވެސް އެބައޮތެވެ. އެއީ މިރަށުގެ އިންޖީނު ގެއަކީ ރައްޔިތުންގެ އިނޖީނުގެތަކުން ފުރަތަމަ ފަހަރަށް 24 ގަޑިއިރު ކަރަންޓު ދޭންފެށި ގެތަކުގެ ތެރޭގައި ހިމެނޭ އިންޖީނުގެއެކެވެ. އެޒަމާނަށް ފެތޭގޮތައް އެންމެ ރަނގަޅަށް މިހިދުމަތް ވަނީ އަޅުގަނޑުމެންގެ ކާބަފައިން ދީފައެވެ.

ދެންބަލައިލަން އޮތީ ނަރުދަމާއާއި ބޯފެނުގެ މައްސަލަތަކަށެވެ. މިރަށަކީ އެއްވެސް ސަރުކާރެއްގައި މިކަންކަން ރަނގަޅުކުރަން ލިސްޓްކުރެވިފައި އޮތް ރަށެއްނޫނެވެ. ނަރުދަމާގެ ހިދުމަތް މިއަދާ ހަމަޔަށްވެސް ހޯދަމުން އައިސްފާވަނީ ރައްޔިތުންގެ އަމިއްލަ މަސައްކަތާއި ހަރަދުންނެވެ. ދިރިއުޅޭ ގޯތިތެރެއަށް ފެންހިންދުމުގެ ބަދަލުގައި މޫދަށްހޮޅިއަޅާ އެއިރުގެ ހާލަތު ރަނގަޅުކޮށްފައިވަނީ ހަމަ ރައްޔިތުންގެ އަމިއްސަ މަސައްކަތުންނެވެ. ބޯފެނުގެ މައްސަލައަކީ ވަރަށް ވިސްނަންޖެހިފައިއޮތް ދަތިތަކާ ރައްޔިތުން ކުރިމަތި ކުރުވާފައިވާ މައްސަލައެކެވެ. ވިއްސާރަ މޫސުމެއްނޫންނަމަ ނުވަތަ ހަނަފަސްކަން ދިގުލައިފިނަމަ ރައްޔިތުން ބޯންބޭނުންކުރާ ފެން ހުސްވެ ބަންދުކުރެވިފައިވާ ފެނަށް ބަރޯސާވާންޖެހިފައިވެސް އެބަހުއްޓެވެ. އިހުޒަމާނުގައި މިސްކިތުވަޅުން ޖަހަލާވަޅުން ފެންބޯލައިގެން އުޅުނަކަސް މިއަދަކު އެކަން އެގޮތައް ކުރެވޭކަށްނެތެވެ. ވަޅުފެންވަނީ ތަގައްޔަރުވެ ބޭނުންނުކުރެވޭ ހާލަތައް އައިސްފައެވެ. މިކަންތައްތައް ރަނގަޅުކުރަން ތިބީ ހަމަ އަޅުގަނޑުމެނެވެ.

ސިއްހީ ހިދުމަތާއި ފަރާލެފުމުގެ ދަތިކަމަށް މިނޫން އެހެން ލިޔުމެއްގައި އަޅުގަނޑު ބަލައިލާނަމެވެ. އަޅުގަނޑުމެން އެންމެންވެސް އުންމީދު ކުރަނީ މިރަށުގެ ހާލަތު މިނޫން ގޮތަކަށް ބަދަލުކުރެވިފައިވާ ދުވަހެއްފެނުމެވެ. މަސައްކަތްކުރަންތިބީ ހަމަ އަޅުގަނޑުމެނެވެ.

One Comment to “.ރަށުގެ ހާލަތު، ބަދަލުކުރަން ވިސްނަންވެއްޖެއެވެ”

  1. rashuge meehunge visnun huree adhivex 80s ge aharuge thereyga…….mee v hithaama kuran jeheykameh?mihaarah vure bodah enmmen ekuveri vegen noonee kanthah thah ragalheh nukureveyne……adhi ehnmme baeh zuvaanun amalu thah hunna gothun vex ladhu ganey…..ehbaivantha bayakah vaan vehjje……..!!

ޚިޔާލު ފާޅުކުރޭ